ޚަބަރު
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އެޅި ފިޔަވަޅަށް ބައިނަލްއަގުވާމީ މަސްރަޙުގައި ތަޢުރީފު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މަސްރަޙުން ފާޅުކަން ބޮޑު ތަޢުރީފުތަކެއް ލިބެމުންދާ ކަމަށް ބައިނަލްއަގުވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ރާއްޖޭގެ ސަރުކާރުން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށް، އެކަމަށް ތަޢުރީފު ކުރަމުންދާ ކަމަށް މި ފަރާތްތަކުން ބުނެއެވެ.
ފަލަސްތީނުގެ މައްސަލަ ދިރާސާކުރާ "އިންސްޕައިރޯވެއްލާ" އިން ފާހަގަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުމަކީ އެހެން ޤައުމުތަކުން އެކަމާ "އަޅާނުލާ" އޮވޭ ވަރަށްވުރެ ބޮޑު ނިންމުމެކެވެ. އަދި މިއީ ސިޔާސީ ނިންމުމެއް ނޫންކަން ސަރުކާރުގެ އިޚްލާޞްތެރި ޢަމަލުތަކުން ސާބިތުކޮށްދޭ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރުވެސް، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގައި ރާއްޖެއިން އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހި، ހިތްވަރާއެކު އެ މަސައްކަތުގައި ކުރިއަށްދިއުމަކީ ދުނިޔެއަށް ދޭ ސާފު، ވަރުގަދަ މެސެޖެއްކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅާފައިވަނީ، މިފަހުން އަނެއްކާވެސް ޣައްޒާގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް އިތުރުވެ، ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ބޮޑެތި ޤައުމުތަކުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ނުކެރޭއިރު، ރާއްޖެއިން ޢަމަލުކުރީ ތަފާތުކޮށް ކަމަށާއި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމަކީ ހަމައެކަނި އަނގައިން ބުނެލި ބުނެލުމެއްގެ ބަދަލުގައި، އެއީ ސަރުކާރުގެ ސިޔާސަތުކަމަށް ކަނޑައަޅައި، ޤާނޫނީ ގޮތުން އެކަން ކުރަން ލާޒިމްކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ އިޚްލާޞްތެރިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ރާއްޖެއިން އެޅި ފިޔަވަޅުގެ ސަބަބުން އިސްރާއީލުގެ ސަރުކާރަށްވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ. ރާއްޖެއިން ނިންމި ނިންމުމަކީ މަގުމަތީގެ ހިނގާލުމަކަށްވުރެ ވަރުގަދަ ކަމެއްކަމަށާއި، އެއީ މިނިވަން މުސްތަޤިއްލު ޤާނޫނީ ވެރިކަމެއް ހިނގާ ދައުލަތަކުން އިސްރާއީލު ސަރުކާރުގެ ޢަމަލުތަކާ ދެކޮޅަށް އެކަށައަޅާފައިވާ ސިޔާސަތެއްކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި ފިޔަވަޅަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް ޤައުމަކުން ނިންމި ނިންމުމެއްކަމަށް އެ ރައްޔިތުން ނުދެކޭކަމަށެވެ. އޭގެ ބަދަލުގައި އެ ފިޔަވަޅުން ދުނިޔެއަށް ދައްކުވައިދެނީ ސައިޒުން ކުޑަ ކިތަންމެ ކުޑަނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދުމަށްޓަކައި ތެދުވާނެ ޤައުމުތަކެއް އޮތްކަންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖެއިން އެޅި ފިޔަވަޅުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ނުބުނެ، ހަނު ތިބި ޤައުމުތަކަށް އިތުރު ޕްރެޝަރުތައް ކުރިމަތިވާނޭކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ. އެގޮތުން އެ ޤައުމުތަކަށް އޮތީ ދެ ގޮތެއްކަމަށާއި، އެއީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް، އެކި ނުފޫޒުތަކުގައި ޖެހިގެން ފިޔަވަޅެއް ނާޅާ ތިބޭނީތޯ ނޫނީ ތިމާމެންވެސް ހިތުގެ އަޑިން ޤަބޫލުކުރާ އިންސާނީ ހަމަތަކާއި އުސޫލުތަކަށް ތަބާވެ، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުންކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް އެޅި ހިތްވަރުގަދަ، ތާރީޚީ ފިޔަވަޅަކީ ފަލަސްތީނުގެ މައްސަލައާމެދު ދުނިޔޭގެ ލޯތައް ވަރަށް ބޮޑަށް ހުޅުވިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ދުނިޔޭގެ މަސްރަޙު ދިރާސާކުރައްވާ ތަޖުރިބާކާރުން ދަނީ ފާހަގަކުރައްވަމުންނެވެ.