ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމް ދެއްވި ރަސްމީ ފަރިއްކޮޅުގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި ފަރިއްކޮޅު ބޭއްވުނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.
މެންދުރުގެ މި ފަރިއްކޮޅުގައި މެލޭޝިއާގެ ބޮޑުވަޒީރުގެ އިތުރުން، އެޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ބައްދަލުވުމެއްކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެއާއި މެލޭޝިއާގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއްކަމަށް ބެލެވެއެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ލަފާކުރެވެއެވެ.