Ads by Aqeeqa Maldives

ޚަބަރު

ވާނުވާ ބަންދުގައި ތިބި ބައެއްމީހުން ޓެގް އަޅުވައިގެން ދޫކޮށްލެވިދާނެތޯ ބަލަން ގުޅުންހުރި އިދާރާތަކަށް ހަވާލުކުރައްވައިފި

ވާނުވާ ބަންދުގައި ތިބި ބައެއްމީހުން ޓެގް އަޅުވައިގެން ދޫކޮށްލެވިދާނެތޯ ބަލަން ގުޅުންހުރި އިދާރާތަކަށް ހަވާލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 03:08

08 މޭ 2025، 03:08

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަކާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ރައްޔިތުންނާ އެކު ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ރައީސް މުޢިއްޒު ވިދާޅުވީ، "ވާނުވާ ބަންދު"ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި ތިބިކަން ފާހަގަކުރައްވައި، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމެއް ނުވަތަ އެފަދަ މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިހާރުވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީސް އަދި ބަންޑާރަނައިބު (އޭ.ޖީ) އޮފީހާ ޙަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށްވެސް، ޕީ.ޖީ އޮފީހަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، "ވާނުވާ ބަންދު"ގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS