Ads by Aqeeqa Maldives

ޚަބަރު

"ދިވެހިރާއްޖެ 2.0" އިން ކޮރަޕްޝަން ނައްތާލާ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވާނެ : ރައީސް މުޢިއްޒު

"ދިވެހިރާއްޖެ 2.0" އިން ކޮރަޕްޝަން ނައްތާލާ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވާނެ : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 03:16

08 މޭ 2025، 03:16

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމު އޮޓޮމޭޓުކޮށް ޑިޖިޓަލައިޒްކުރުމުން، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދުމަށް ފަސޭހަވެ، ކޮރަޕްޝަން ބޮޑުތަނުން މަދުކުރެވޭނެއެވެ. މި ނިޒާމުގައި ސަރުކާރާއި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ މައިގަނޑު ޚިދުމަތްދޭ އިދާރާތައްވެސް ހިމެނޭ ގޮތަށް އެއް ވިއުގައަކުން ގުޅާލެވޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެ 2.0" މަޝްރޫޢުގެ ދަށުން ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޑިޖިޓަލައިޒޭޝަންގައި ކުރިއަރާފައިވާ އެސްޓޯނިއާއާ އެކުގައިކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. މި މަސައްކަތުގެ ފެށުމެއްގެ ގޮތުން، ހުކުރު ދުވަހުގެ ރޭ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ފެށޭނެކަމަށާއި، އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް މި ކޮންފަރެންސްގައި ބައިވެރިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، "ދިވެހިރާއްޖެ 2.0" ގެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ ކުރު މުއްދަތެއްގައެވެ. އެސްޓޯނިއާއިން 25 އަހަރުން ކުރި ކަންތައް 4 އަހަރުން ކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަސްކޮށްގެން މިކަން ޙާޞިލުކުރެވޭނެކަމަށް އެސްޓޯނިއާގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބޮޑު ބަދަލު ގެނައުމުގައި "ޗޭންޖް މެނޭޖްމަންޓް" ގެ މުހިންމުކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS