ޚަބަރު
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ :ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ފަށާ މަސައްކަތްތަކަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދަނީ ކީއްވެތޯ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ "މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. މި ނިޒާމަކީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭނެ، ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ އަދި ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ނިޒާމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ. އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ
ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ މިއީ ރައްޔިތުން އެދޭ އަމާޒެއް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލެއްވިއެވެ.
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ…
— Dr Mohamed Muizzu (@MMuizzu) May 10, 2025
ނަމަވެސް، ސިޔާސީ އިދިކޮޅު ފަރާތްތަކުން މި މަސައްކަތަށް ދެކޮޅު ހަދަމުންދާ ސަބަބާ މެދު ރައީސް ސުވާލު އުފެއްދެވިއެވެ.
"މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ އިލެކްޓްރޯނިކް ގަވަރނަންސް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.