Ads by Aqeeqa Maldives

ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ނެރިފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ނެރިފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

ކަނޑު ގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ/ފޮޓޯ: ރާއްޖެ އެމްވީ

13 މޭ 2025، 05:58

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖެއަށް ނެރިފައިވާ ހުދު ސަމާލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. މި ސަމާލު ނެރިފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. މިއީ މިއަދު ހުދު ސަމާލުގެ މުއްދަތު ދަންމާލާފައިވާ 4 ވަނަ ފަހަރެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަތް ފޫޓު ހުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS