ޚަބަރު
މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމަށް

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ދިވެހިން ހިފަންވީ ޤައުމަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވީ، މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ދިވެހިން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށާއި ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށްކަމަށެވެ.
ރައީސްގެ ޕޯސްޓުގައި މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ދަންނަވައި ފައިވެއެވެ.
އަދި ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދވިވަޑައިގަންވާ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
މެއި މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ މުވާޞަލަތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހަކީ މުޖުތަމައުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ މުހިންމުކަމާއި ޑިޖިޓަލް ޑިވައިޑްއަށް ހޭލުންތެރިކުރުމަސް ފާހަގަކުރާ ދުވަހެކެވެ.
އަދި މި ދުވަހަކީ 1865 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އުފެދުނު ދުވަސް ވެސް ފާހަގަކުރާ ދުވަހެވެ.