ކުޅިވަރު / ޚަބަރު
ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރަށްވުރެން ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ކުޅިވަރުގެ އެސޯސިއޭޝަންތަކަށް ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ ، ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވުނު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.
ފަރުދުން މީޑިއާގެ ފަރާތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ،
ސަރުކާރުން ޤާއިމުކޮށްދޭ ވަސީލަތްތަކެއް ހުންނާނެ. އެސޯސިއޭޝަންތަކަށްވެސް ހަމަ މިހާރަށްވުރެން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރަން
ރައީސް މުޢިއްޒު
މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ލައިވް އިވެންޓެއްގެ ތެރެއިން ނޫސްވެރިންގެ ހާޒިރުގައި ބިލެއް ތަސްދީޤުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ކުޅިވަރު ދާއިރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 26 ނޮވެމްބަރު 2024 ގައެވެ. މަޖިލީހުން މި އިސްލާޙު ފާސްކޮށްފައިވަނީ ކުޅިވަރު ދާއިރާގެ ބޭފުޅުންގެ އިތުރުން އާންމުންގެ ޚިޔާލަށްވެސް ހުޅުވާލުމަށްފަހުއެވެ. މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި ބިލާ ގުޅޭގޮތުން ޕަބްލިކް ފޯރަމެއްވެސް ބޭއްވުނެވެ.
މި އިސްލާޙުގެ މުހިންމު ބައިތަކުގެ ތެރޭގައި:
- ޤައުމީ ކުޅިވަރު ފަންޑެއް އުފެއްދުން
- ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤައުމީ މަޖިލިސް އުފެއްދުން
- މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކުރުން
- ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލުން
- މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމަށް ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެއްދުން
މި ބަދަލުތަކަކީ 20 އަހަރު ދުވަހުގެ ކުޅިވަރު ތަސައްވަރުގެ މައްޗަށް އެކުލެވޭ ދިގުރާސްތާ ޕްލޭންގެ މުހިންމު ބައިތަކެއް ހިމެނޭ އިސްލާޙުތަކެކެވެ.
ޤައުމީ ކުޅިވަރު ފަންޑުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:
• ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
• ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
• ކުޅުންތެރިން ކުރިއެރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
• ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުން.
• ކުޅިވަރުގެ ދާއިރާއިން ދިރާސާތައްކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
• މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ފަންޑަށް ޖަމާކުރެވޭ ފައިސާ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން.
މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ފަންޑު ހިންގުމަށްޓަކައި 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އެކުލަވާލެވޭނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަނުކުރައްވާނީ ކުޅިވަރާބެހޭ ވަޒީރެވެ.
ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެ ގޮތަށް ކަންކަން ބައްޓަންވެގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލުވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި އިސްލާޙުތަކާއެކު ކުޅިވަރުގެ ސަރަޙައްދީ އެސޯސިއޭޝަންތަކަށް އެ ސަރަޙައްދެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަކީ 2015 ވަނަ އަހަރު އެކުލަވާލާ ޢަމަލުކުރަން ފެށުނު ޤާނޫނެކެވެ. މިއަދު ތަސްދީޤުކުރެވުނު އިސްލާޙާއެކު ކުޅިވަރުގެ ދާއިރާއަށް އައު ބާރެއް ލިބި، ކުޅިވަރު ތަރައްޤީކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.