Ads by Aqeeqa Maldives

ޚަބަރު

ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 06:05

19 މޭ 2025، 06:05

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މާތްﷲ ގެ ވާގިފުޅާއެކު މިއަދު އެޅިގެން މިދަނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އިޞްލާޙާއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރީންނަށް ފުރުޞަތު ފަހިވެ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމުގައި މިއަދު އަޅަމުން މިދަނީ ވަރަށް ތާރީޚީ އަދި ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެ ކަމަށެވެ. އަދި އުވޭ ކުޅިވަރު ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިޞްލާޙުގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުކުރެވި، ހިންގުން ހަރުދަނާކުރެވި، ގުޑްގަވަރނަންސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅުތަކެއް ފަހިވެ، ކަށަވަރުކުރެވިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު މި ބަދަލާއެކު އިތުރަށް ފަހިވެގެންދާނެއެވެ.

ރައީސް މުޢިއްޒު ވަނީ މި އިޞްލާޙުގެ ސަބަބުން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެންދާނެ ކަމަށާއި، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

އަދި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން، ޤާނޫނެއްގައި ލިޔެވިގެން ތަސްދީޤުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މިއީ ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS