ޚަބަރު
ރައީސުލްޖުމްހޫރިއްޔާ މ. ނާލާފުށީ ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި މ. ނާލާފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ މުލީ އެއާޕޯޓު ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ރަށަށް އެންމެ ބޭނުންވާ ކަންކަމާއި، ރަށުގެ ތަރައްޤީއަށް އެންމެ އެދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައިވެއެވެ. މިގޮތުން އެފަރާތްތަކުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާ މަޝްރޫޢު ފުރިހަމަ ނުވުމާއި، ކަރަންޓުގެ މައްސަލަ ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަމުން ކައުންސިލުން ބުނެފައިވަނީ މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ކޯޒްވޭ ތަރައްޤީކުރުމުން ނާލާފުއްޓަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އޭ.ޓީ.އެމް އަދި ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް އެދިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.
ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދެއްވާތީ ޝުކުރު އަދާކޮށްފައެވެ.