ޚަބަރު
ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އިސްލާޙަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދިންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދިންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ދުންފަތުން ރައްކާތެރިވެފައިވާ ޞިއްޙަތު ރަނގަޅު ޖީލެއް ބިނާވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ޤާނޫނަށް ގެނައި މި އިސްލާޙާއެކު ދުންފަތުގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ވެސް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާވާނެ ކަމަށެވެ. ހަމަ އެހެންމެ، ދުންފަތުގެ އެއްވެސް ބާވަތެއް ޕްރޮމޯޓްކުރުން ފަދަ ޢަމަލުތައް މަނާވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ޤާނޫނުގެ ދަށުން ހިފެހެއްޓޭ ތަކެތި ނައްތާލާނީ ރައްޔިތުންނަށް އިތުބާރުހިފޭފަދަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
މި ބިލު ތަސްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޞިއްޙީ ދާއިރާގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެހެންމެ، ކަމާ ގުޅުންހުރި އެކި ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން، މަތީ ސާނަވީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެެއިން 1 ޖެނުއަރީ 2007 ގައި އުފަންވި ބައެއް ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.