Ads by Aqeeqa Maldives

ޚަބަރު

ބޭނުމަކީ ފިޔަވަޅު އެޅުމެއްނޫން ބަޔަކު ކުއްވެރިކުރުމެއް ނޫން އަމާޒަކީ ހޭލުންތެރިކުރުން: ރައީސް މުޢިއްޒު

ބޭނުމަކީ ފިޔަވަޅު އެޅުމެއްނޫން ބަޔަކު ކުއްވެރިކުރުމެއް ނޫން އަމާޒަކީ ހޭލުންތެރިކުރުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 މޭ 2025، 05:45

21 މޭ 2025، 05:45

ބޭނުމަަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ފިޔަވަޅު އެޅުމެއް ނޫން ކަމަށާއި، ބަޔަކު ކުށްވެރިކުރުމެއްވެސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، "ޖެނެރޭޝަން ބޭން" ގެނައުން ހިމެނޭހެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

"ޖެނެރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް އަންނަ ނޮވެންބަރުމަހުގެ އެކަކުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިއަދު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ތަންފީޒީ އިދާރާތައް ކިތަންމެ ވަރުގަދަ ކުރިޔަސް އަބަދުވެސް "ކުށްކުރާ ބަޔަކު" ތިބޭނެ ކަމަށެވެ. ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ފުލުހުންނާއި ކަސްޓަމްސް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ކަންކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ބޮޑު އިންސައްތައެއް ޚަރަދުކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބޭނުންވަނީ ދުންފަތާ ދުރުވުމަށް ހިތްވަރުދީގެން އެކަމާ އަމިއްލައަށް ދުރުވުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދުންފަތުގެ ދާއިރާއިން އާމްދަނީ ހޯދަން ވިސްނާފައި ނެތް ކަމަށާއި މި ދާއިރާއިން ލިބޭ އާމްދަނީ ޚަރަދުކުރާނީ ސިއްހީ ދާއިރާ ތަރައްގީކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ކަމަށެވެ. އަދި، ރަނގަޅީ ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މުޅި މުޖުތަމައުގެ އެންމެން ގުޅިގެން ދުންފަތުގެ މައްސަލައަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައި ވަނީ ވެސް އެ ފިޔަވަޅުތަކުގެ ދަށުންނެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދުންފަތުގެ ވިޔަފާރިތައް ކުރާ ފަރާތްތަކުން އެކަން ދޫކޮށް، އެހެން ވިޔަފާރިތަކަށް ބަދަލުވުމަށް ގޮވާލައްވާ ކަމަށެވެ.

މި ބިލު ތަސްދީގުކުރެއްވުމާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް އަންނަ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާވާނެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ސަރުކާރުން އަޅާ އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS