Ads by Stelco

ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވް ކޮމިޓީގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މައްކާ ރޫޓް އިނީޝިއޭޓިވް ކޮމިޓީގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މައްކާ ރޫޓް އިނީޝިއޭޓިވް ކޮމިޓީގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

26 މޭ 2025، 06:16

މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އަދި ހިޒް ރޯޔަލް ހައިނަސް ދަ މިނިސްޓަރ އޮފް އިންޓީރިއަރގެ އެޑްވައިޒަރ، ހިޒް އެކްސެލެންސީ ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމަށްޓަކައި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ނިންމެވުމުން ހާމަކޮށްދެނީ، ދިވެހިރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާގެ ވާހަކަފުޅުގައި ވަނީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަކީ ސީދާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ އިރުޝާދުގެ ދަށުން، މިއަހަރުން މިއަހަރަށް ތަންފީޒުކުރެއްވުމުގެ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ ވިދާޅުވީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ އާއި މި ސަރުކާރަކީ މި އިނީޝިއަޓިވް ޙައްޤުވާ ފަދަ އަޚުލާޤެއް ދައްކާފައިވާ ޤައުމެއް ކަމަށެވެ. ހަމަ އެހެންމެ، މީގެ ކުރީގެ އަހަރުތަކުގައި ޙައްޖުގެ އިންތިޒާމުތައް ކުރިއަށްގެންގޮސްފައި ވާ ގޮތުން އެކަން ވަރަށް ރަނގަޅަށް ހާމަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ދިވެހި ޙައްޖުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެވެ. އަދި މި އިނީޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS