ޚަބަރު
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ބިލަކީ މި ހިނގާ މެއި މަހުގެ 15 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެއްކަމަށެވެ.
މި ބިލު ތަސްދީޤުކުރެއްވުމާއެކު، މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވެފައެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ބިލު ގެޒެޓުގައި ޝާއިޢުކުރެއްވުމަށްފަހު، 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.