ޚަބަރު
މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މުދައްރިބުން ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ރައީސް ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތަގެ މުދައްރިބުން ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިފަދައިން އެދިވަޑައިގެންނެވީ، ސިފައިންގެ މައިމަރުކަޒު ބަންޑާރަކޮށީގައި ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ކަމެއްކަމަށެވެ. އެހެންކަމުން، މިކަމުގައި އުޅޭ މުދައްރިބުން ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުންހުރި، ޤައުމަށް ބޭނުންތެރި، ރިވެތި އަޚުލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް ޒުވާނުން ކުރިމަތިލާފައިވުމުން އެނގިގެންދަނީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި، މިކަމަށް ޒުވާނުންގެ މެދުގައި ޝައުޤުވެރިކަމާ ތާޢީދުއޮތް މިންވަރުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތަގެ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ޤައުމުގައި ބިނާކުރުމެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން މި ޕްރޮގްރާމުގެ ދަށުން ތައްޔާރުކުރެވިގެން ދާނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް އެހީތެރިވެގެންދާނެ އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، މި ޚިދުމަތާއި ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، މިމަހުގެ 28 ވަނަ ދުވަހުގެ ނިިޔަލަށް 891 ޒުވާނުން ކުރިމަތިލާފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގެ ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ފެށޭ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.