ރިޕޯޓް

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ހުޅުވުން ---

30 މޭ 2025، 09:33

މި އަހަރާއި މި އަންނަ އަހަރު ވެގެންދާނީ އަމަލީ ނަތީޖާ ނެރެދިނުމުގެ ދެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، ނިމިގެން މިދިޔަ ހަފްތާއަކީ މި މަސައްކަތްތަކުގެ ތެރެއިން އެއް ހަފްތާއެއްގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިގެން ދިޔަ ހަފްތާއެކެވެ. ޚާއްޞަ ގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން، ނިމުނު ހަފްތާގައި ގިނަ ޚިދުމަތްތަކެއް ވަނީ އިފްތިތާހުކުރެވިފައެވެ. މީގެ އިތުރުން އުއްމީދީ މަސައްކަތްތަކެއްގައި ވަނީ ސޮއި ވެސް ކުރަހާލެވިފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ސިއްޚީ ދާއިރާގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ޑަޔަލިސިސް ޙިދުމަތް އިތުރު ރަށްރަށުގައި ޤާއިމުކުރުމާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފެށުމާއި، ތެލެސީމިއާ ކުދިންނަށް ދިމާވެފައި އޮތް ޒަމާންވީ ދަތިތަކަށް ބޮޑު ތަސައްލީއެއް ގެނަސްދިނުންފަދަ ގިނަ ކަންކަންތައްތަކަކީ މިދިޔަ ހަފްތާގެ ފަލަސުރުޙީތަކެވެ. 

މީގެ އިތުރުން، ރާއްޖޭގައި ގޭންގު ކުށްތައް އިތުރުވެގެން ގޮސް، މުޅި މުޖުތަމައަށް އެކަމުގެ ބިރުވެރިކަން ކުރިމަތިވެފައި އޮތް ޒަމާނެއްގައި، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ކުށުގެ މާހައުލުން މުޅި މުޖުތަމަޢު ދުރުކުރުމަށްޓަކައި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤު ކުރެވިގެން ދިއުމަކީ، ޙާއްސަކޮށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ އުއްމީދެއް ލިބިގެން ދިޔަ ބިލެކެވެ. 

ހަމައެއާއެކު، ބާކީ ކުރުމެއްނެތި ހުރިހާ ރައްޔިތުން މާލީ ބާރުވެރިކުރުވުމުގެ މަޤުސަދުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން، އިތުރު ދެ އަތޮޅަކަށް އޭޓީއެމްގެ ޚިދުމަތް ވެސް މިދިޔަ ހަފްތާގައި ވަނީ ފުޅާކުރެވިގެން ގޮސްފައެވެ. އެގޮތުން މި ރިޕޯޓުގައި މި ޙިއްސާކޮށްލަނީ މިދިޔަ ހަފްތާގައި ހިނގާދިޔަ މުހިންމު ކަންތައްތަކެވެ.

  • ޖޫން މަހުން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ފައިސާ 2،000 ރުފިޔާ އަށް ބޮޑުކުރަން ނިންމުން

1 ޖޫން 2025ން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ އެލަވަންސް 2،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވަޢުދުފުޅުވީ ގޮތަށް ދެ އަހަރުން އެއް އަހަރު އައިނު ހެދުމަށްޓަކައި ދެމުން އަންނަ 1،000 ރުފިޔާ ޑަބަލްކޮށްދެއްވަން ނިންމަވާފައިވާކަމަށެވެ. އެގޮތުން އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމައި ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

  • ހަތަރު އަތޮޅެއްގެ ޑަޔަލަސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުން

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 4 ރަށެއްގައި ޑަޔަލިސިސް ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ޑަޔަލަސިސްގެ ޚިދުމަތް އަލަށް ފައްޓަވައިދެއްވީ، ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލުގައެވެ.  

މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ސަރުކަރުގެ އަމާޒެކެވެ. 

އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ މ އަތޮޅު  މުލީގައެވެ. މިއީ މި އަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު 3 ވަނަ ރަށެވެ. މި އަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.

  • އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މެއި 28 ވަނަ ދުވަހު ސިއްޙީ ވުޒާރާގައި އޮތް ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. 

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ---

އެގޮތުން ފެނަކައާއި ވަނީ، ދެ ރަށެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމާއި، 7 ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޕެންޝަން މަސައްކަތް ކުރުމަށް ހަވާލުކޮށްފައެވެ. އަލަށް އިމާރާތް ކުރެވޭ ދެ ރަށަކީ ހއ. މޮޅަދޫ އާއި ރ. މަޑުއްވަރީއެވެ. އަދި އެކްސްޕެންޝަން މަސައްކަތް ކުރެވޭ ރަށްތަކަކީ ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ނޭކުރެންދޫ، ރ. ކިނޮޅަސް، ރ. ފައިނު، ރ. ރަސްމާދޫ އަދި ދ. ރިނބުދޫއެވެ.

މި މަޝްރޫޢުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރީ ހއ. އުލިގަމާއި ރ. އިންނަމާދޫ  އަދި ދ. ހުޅުދެލި ސިއްޙީ މަރުކަޒުތަކުގެ އެކްސްޕެންޝަން މަސައްކަތުގެ އިތުރުން، ހދ. ކުމުންދޫ އާއި އދ. އޮމަދޫގައި ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތެވެ.

ހަތަރު ރަށެއްގެ މަސައްކަތް އާރުޑީސީއާ ވެސް ހަވާލުކޮށްފައިވެއެވެ. އެއީ ގއ. ދާންދޫ އާއި ރ. މީދޫގައި އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތާއި، ހއ. ފިއްލަދޫ އާއި މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން މަސައްކަތެވެ.

  • އޮރެންޖް ހިޔާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ފެށުން

ހުޅުމާލޭ އޮރެންޖް ހިޔާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ޝަރަފުވެރިކޮށްދެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.

އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މި ސެންޓަރުގައި 12 އެނދުގެ ޖެނެރަލް ވޯޑެއް، ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވޯޑެއް، އަދި އަންހެން ބޭފުޅުންނަށް ޚާއްސަ 7 އެނދުގެ ވޯޑެއް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ލެބޯރަޓަރީ، ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމް، އަދި ކައުންސެލިންގ ރޫމެއްވެސް ހިމެނެއެވެ.

ތެލެސީމިއާ ސެންޓަރުން ދެމުންދިޔަ ޚިދުމަތްތައް ރަގަޅު ކުރެވިގެން މި ދިޔައީ ތެލެސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ މި ޢާއިލާތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވަނިކޮށެވެ. މިކަމަށް ޙައްލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ފަށްޓަވައި، އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައެވެ. އަދި ސިފައިން ވަނީ މި މަސައްކަތުގެ ތެރެއިން މި ޚިދުމަތް ހޯއްދަވާނެ ފަރާތްތަކުގެ ހިތްހަމަޖެހުމަށް އިމާރާތުގެ އެތެރޭގެ މަސައްކަތްތަކަށް ބައެއް ބަދަލުތައް ވެސް ގެންނަވާފައެވެ.

މި އިމާރާތް ހުޅުމާލެއަށް ބަދަލުކުރެވުނުއިރު އެމްޓީސީސީއިން ވަނީ އޮރެންޖު ހިޔާއަށް ޙާއްސަކޮށް ބަސް ހުއްޓީއެއް ވެސް ތަޢާރަފްކޮށްފައެވެ.

  • އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވުން

އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. 

މި އައު ވިންގަކީ ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ. މިތަނުގައި ސަރޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއަރ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއްވެސް ހިމެނެއެވެ.

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވައިދެއްވުން، ފޮޓޯ:ރައީސް އޮފީސް

ޖެނެރަލް ވޯޑުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެއް މި ވިންގުގައި ހިމެނެއެވެ. މީގެ އިތުރުން 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

  • ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ހުޅުވުން

ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ހުޅުވާފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. މިއީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، އެ ހޮސްޕިޓަލުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ 14 އެނދަށް އިތުރުކޮށްފައެވެ.

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް ރައީސް މުޢިއްޒު ހުޅުއްވައިދެއްވުން ---

  • ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤުކުރެއްވުން

ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ހަރުކަށި އަދަބުތަކާއެކު އެކުލަވާލާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ތަސްދީޤުކުރެވުނީ މިދިޔަ އާދީއްތަ ދުވަހެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުމެވެ.

ނިމިގެން މި ދިޔައީ ޚާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އުއްމީދީ ހަފްތާއެއް

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، މި ޤާނޫނުގެ ދަށުން ކުށްވެރިންނަށް އިޞްލާޙީ ފުރުޞަތު ދިނުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. މިގޮތުން، ކުށުގެ ވެށިން ދުރުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަގުފަހިކުރުމާއި، އެފަދަ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ އުސޫލުތަކެއް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނުގައި ބަޔާންކުރާ ކުށްތަކާ ގުޅިގެން މީހަކު ތުހުމަތުކުރެވޭ ހާލަތްތަކުގައި، ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެމީހަކު ހުއްޓުވައި ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް މީހަކު އަމިއްލަ ތަނެއްގައި ހުރިނަމަ، އެތަނެއްގެ ވެރިފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރަކާއެކު މެނުވީ ބަލައި ފާސްކުރުމަށް ނުވަދެވޭނެއެވެ.

  • ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފެށުން

ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ފައްޓަވާފައިވާކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިދިޔަ ބުދަ ދުވަހެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ފަހިވެފައިވާ ކަމަށެވެ. އަދި މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

  • ދިވެހި ޙައްޖާޖީންނަށް ގިނަ ލުއިތަކެއް ހަމަޖެއްސުން

ދިވެހި ޙައްޖާޖީން މިދިޔަ ހަފްތާގައި ފުރަން ފަށާފައިވާއިރު، ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެމީހުންނަށް ކަންކަން ފަސޭހަކުރުމަށް ގިނަ ކަންތައްތަކެއް މިދިޔަ ހަފްތާގައި ވަނީ ކުރެވިގެން ގޮސްފައެވެ. އެގޮތުން، ދިވެހި ޙައްޖުވެރިންނަށް އަލަށް ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކުރުމާއި، ރާއްޖޭގެ ޙައްޖުވެރިން މައްކާ އަދި މަދީނާއާއި ދޭތެރޭ ކުރާ ދަތުރު ހައި-ސްޕީޑް ޓްރެއިންއަށް ބަދަލުކުރުމާއި އަދި ދިވެހި ޙައްޖުވެރިންނަށް ޙާއްސަ މެޑިކަލް ކްލިނިކެއް ޙައްޖާޖީން ތިބޭ ހޮޓަލުގައި ޤާއިމްކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ކަންތައްތައް ނިންމުމާއި، ޙައްޖުވެރިންގެ ފޮށިތައް އެމީހުން ތިބާ ހޮޓަލަށް ގެންގޮސްދިނުން ހިމެނެއެވެ.

އަދި މައްކާ އަދި މަދީނާއާއި ދޭތެރޭ ކުރާ ދަތުރު ހައި-ސްޕީޑް ޓްރެއިންއަށް ބަދަލުކުރުމުން ދަތުރުގެ ދިގުމިން 6 ގަޑިއިރާ 8 ގަޑިއިރާ ދެމެދުގެ ވަގުތެއް ސަލާމަތް ކުރެވޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

  • ހުޅުމާލޭގެ މަސްޓަރ ޕްލޭން ރިވައިޒްކޮށް އާންމުކުރުން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން މިދިޔަ ހޯމަ ދުވަހު ޙިއްސާކޮށްފައެވެ. އެޗްޑީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އައު މާސްޓަރ ޕްލޭންގެ ދަށުން ހުޅުމާލޭގެ ބަނދަރު ސަރަޙައްދު މިހާރުގެ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެހެނިހެން ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްތަކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.

ޕްލޭންގައި ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތަށް ބަލާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ، އަދި ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 30.62 އިންސައްތަ ބިން ވަނީ ކަނޑައަޅާފައެވެ. ކޮމާޝަލް ބޭނުންތަކަށް 5.56 އިންސައްތަ އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5.76 އިންސައްތަ ބިން ވަނީ ޚާއްސަކޮށްފައެވެ.

މި މާސްޓަރ ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުމާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ހިމެނެއެވެ.

  • މާލެ އަތޮޅާއި ށ އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުން

މިދިޔަ ހޮނިހިރު ދުވަހު ކ. ހުރާގައި ޤާއިމްކުރެވުނު އޭޓީއެމްއާއެކު، ކ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ލިބިގެންދާނެ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ. 

އަދި މިދިޔަ ހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބިލެއްފައި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮށީގައި ޤާއިމްކުރެވުނު އޭޓީއެމްތަކާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިގެން ގޮސްފައެވެ.

ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

  • ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 މެއިގައެވެ. މި މަޝްރޫޢު ދަށުން  50 ކައުންސިލް ޢިމާރާތް ޑިޒައިން ކުރުމާއި އިމާރާތްކުރުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަންހުރި ކައުންސިލް ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް، ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން ހިމެނެއެވެ.


މި ކަންކަމާއެކު، ވޭތުވެދިޔަ ހަފްތާއަކީ ހުރިހާ ސެކްޓަރއަކުން ހަމަހަމަ ޚިދުމަތްތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިގިގެން ދިޔަ ހަފްތާއެކެވެ. 

އެއްވެސް ދިމާއެއް، އެއްވެސް ރަށެއް، އެއްވެސް އަތޮޅެއް ބާކީ ނުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކާ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިން ވެސް ހަމަ ދަންނަވާފައި އޮތްގޮތަށް މި އަހަރާއި މި އަންނަ އަހަރާ، ދެ އަހަރު ދުވަސް ވެގެންދާނީ ޢަމަލީ ނަތީޖާ ނެރެދިނުމުގެ މަސައްކަތްތަކެއް ކުރިވިގެންދާ އަހަރުތަކަކަށޭ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ ފަށަން އޮތް މަސައްކަތްތައް ފެށޭ ތަނާއި، ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށްފަހު ރައްޔިތުންނާ ހަވާލުކުރެވިގެންދާ ތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS