Ads by Stelco

ޚަބަރު

އައިނަށް އާސަންދައިން ދޫކުރާ މިންވަރު އިތުރުކޮށް އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށާނެކަމަށް ރައީސް ވިދާޅުވެއްޖެ

އައިނަށް އާސަންދައިން ދޫކުރާ މިންވަރު އިތުރުކޮށް އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

31 މޭ 2025، 03:36

އައިނަށް އާސަންދައިން ދޫކުރާ މިންވަރު އިތުރުކޮށް އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމާއި ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެ އަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް މިހާރު ލިބެމުންދާ ފުރުޞަތު ހުއްޓިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލުން ކަމަށެވެ. އަދި ސިނގިރޭޓްގެ ވިޔަފާރިތައް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވިޔަފާރިވެރިން ވަޑައިގަތުމަށް ދެންނެވީވެސް ރައްޔިތުންގެ ޞިއްޙަތު މުހިންމުވާތީކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. ހަމަ އެހެންމެ، މާލެ ސަރަޙައްދުގެ ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، މާލެސިޓީގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމަށް ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ޞިއްޙީ ދާއިރާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS