Ads by Stelco

ޚަބަރު

ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު އޮބްޒަވޭޓަރީއެއް މާފަރުގައި ޤާއިމްކުރަނީ

ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު އޮބްޒަވޭޓަރީއެއް މާފަރުގައި ޤާއިމްކުރަނީ

މާފަރުގައި އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވުން/ފޮޓޯ: މެޓް އޮފީސް

04 ޖޫން 2025، 02:39

ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީއެއް ނ. މާފަރުގައި ޤާއިމްކުރުމަށް ނިންމައިފިއެވެ. 

މިއީ ރާއްޖޭގައި ޤާއިމްކުރުމަށް ނިންމާފައިވާ 6 ވަނަ އޮބްޒަވޭޓަރީ އެވެ. މި އޮބްޒަވޭޓަރީ ޤާއިމްކުރުމުގެ މަޝްރޫޢަކީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގެ އިތުރުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ގުޅިގެން 4 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. 

މިވަޤުތު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ. މީގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދަރ ސްޓޭޝަންތަކާއި ދިޔަވަރު ބަލާ ސްޓޭޝަންތައް ހުރިއިރު، މި މަޝްރޫއުގެ ދަށުން ރާއްޖޭގައި މިހާރުހުރި މޫސުމާ ބެހޭ އިދާރާތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އެކިއެކި ކާރިސާތަކުގައި ދުރާލާ އިންޒާރު ދިނުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޓަރީތަކަށް ރާއްޖެއިން ފޯރުކޮށްދޭ މަޢުލޫމާތުތައް ވެސް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS