ޚަބަރު
އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ހަރުކުރަނީ

ހުޅުލޭގައި ހުންނަ ވެދަރ ރާޑަރ. ފޮޓޯ: މިހާރު
އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މިހާރު ރާއްޖޭގައި ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހަމައެކަނި ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ އެ އިދާރާގެ އުންމީދެކެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. ވެދަރ ރޭޑަރތައް ބެހެއްޓި، ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ," ޙުސެއިން ވަޙީދު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހަމައެކަނި ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައެވެ.
ހުޅުލޭގައި މިހާރު ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ. ޑޮޕްލަރ ވެދަރ ރާޑަރުގެ އެހީގައި ވާރޭވެހޭ ސަރަހައްދުތަކާއި، ވާރޭވެހޭ މިންވަރާއި، ވިލާގަނޑު ދަތުރުކުރާ މިސްރާބު އަދި އެހެނިހެން މުހިންމު މައުލޫމާތުތައް ދެނެގަނެވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ވަޞީލަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން، ނ.މާފަރުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ. މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ.
މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބަލާ ސްޓޭޝަންތައް ޤާއިމްކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި އައު ރާޑަރު ސިސްޓަމް ޤާއިމްކުރެވުމުން، ރާއްޖޭގެ ދެކުނު ސަރަހައްދުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ އިދާރާއިން ބެލެވެއެވެ.