ޚަބަރު
ތިން ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ތިން ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އެރުވުން/ފޮޓޯ:' ރައީސް އޮފީސް
ތިން ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
ސަފީރުކަމުގެ މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ، ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް އާއި، ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ސްޓެލާ ނޮކޮމޯ އާއި، އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ހެނދުނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
މި ރަސްމިއްޔާތުގައި، ފަލަސްޠީންގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ސަފީރު ވަނީ، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައާއި، އެހެނިހެން ގޮތްގޮތުން ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރައްވާފައެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި، ޒިމްބާބްވޭގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލާ، ދެ ޤައުމުން މަސްލަޙަތު ހިއްސާކުރާ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ސަމާލުކަން ދިނުމާއެކު، އިޤްތިޞާދީ ގޮތުން ގުޅުންބަދަހިކުރެވެން ހުރި ފުރުޞަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަމަށް ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، އުޒްބެކިސްތާނުގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ވިޔަފާރި، އިޤްތިޞާދު، އަދި ތަޢުލީމީ ދާއިރާގެ ފުރުޞަތުތައް އިތުރަށް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާއި އުޒްބެކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ. އަދި ދިވެހިރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު 7 ޖަނަވަރީ 1987 ގައި ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވާއިރު، ދިވެހިރާއްޖެއާއި އުޒްބެކިސްތާނާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރީ 1994 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.