ޚަބަރު
ސިންގަޕޫރުގައި "މޯލްޑިވްސް ބިޒްނަސް ފޯރަމް" ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބިޒްނަސް ފޯރަމް" ފައްޓަވައިދެއްވުން ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނަށް ތަޢާރަފްކޮށްދިނުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ބިޒްނަސް ފޯރަމް" ސިންގަޕޫރުގައި ފަށައިފިއެވެ. ދެޤައުމުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ފޯރަމްގައި 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއްކަމެއް ކަމުގައިވާ، ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އެހެން ސިނާއަތްތަކުން ރާއްޖެ ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ބޭއްވޭ ފޯރަމެކެވެ. އޭގެތެރޭގައި އެސްއީޒެޑު، މަސްވެރިކަމާއި، ބަންކަރިންފަދަ ދާއިރާތައް ހިމެނެއެވެ.
ސިންގަޕޫރުގައި ފަށާފައިވާ "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމްގެ މައިގަނޑު އެއް މަޤްސަދަކީ ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ކިޔާދިނުމެވެ. ޚާއްސަކޮށް، ސަރުކާރުން ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢޫތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެތެރޭގައި
- ރަސްމާލެ ތަރައްގީ ކުރުމާއި
- ގުޅީފަޅު މަޝްރޫޢު
- އައިޕޯޓް އަދި ބަންކަރިން މަޝްރޫޢު
- މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
- ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
- ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
- އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
- ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
- ފާމަސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
- ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
- ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
- އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
- މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢުތައް
މި ފޯރަމްގައި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކިފަރާތްތަކަށް ވަނީ ހަނދާނީ ފިލާދީފައެވެ. މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް ސަރުކާރުން އަންނަނީ އެކި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު މިފަދަ ފޯރަމްތައް ކުރިއަށްގެންގޮސްފައެވެ.