ޚަބަރު
ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައި.ޓީ.އީ) އަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުންނަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ގޮއް މޮންގް ސޮންގްއާއި އެތަނުގެ އިސްވެރިންނެވެ. ޒިޔާރަތުގައި އިންސްޓިޓިއުޓްގެ މަޢުލޫމާތު ހިއްސާކުރެއްވުމާއެކު، އެ އިންސްޓިޓިއުޓްގެ 30 ވަނަ އަހަރީދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ޕްރެޒެންޓޭޝަން ފޮތެއް ރައީސަށް ހަދިޔާ ކުރެއްވިއެވެ.
އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަންގައި 3 މައި ސްކޫލް ހިންގާ ކަމަށް މަޢުލޫމާތު ދެއްވިއެވެ. އެގޮތުން ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާގައި ޑިޖިޓަލް އެނިމޭޝަނާއި، ވީޑިއޯ ޕްރޮޑަކްޝަނާއި މީޑިއާ ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިންގ ފަދަ ކޯސްތައް ކުރިއަށްގެންދެއެވެ. އަދި ސްކޫލް އޮފް ބިޒްނަސް އެންޑް ސަރވިސަސްގައި ކޮމިއުނިޓީ ޑެވެލޮޕްމަންޓާއި އިވެންޓް މެނޭޖްމަންޓް ފަދަ ކޯސްތައް ހިންގައެވެ.
މީގެއިތުރުން ސްކޫލް އޮފް އިންޖިނިއަރިންގައި އެއަރކްރާފްޓް ޓެކްނީޝަނުން ތަމްރީނު ކުރުން ފަދަ ކޯސްތައް ކުރިއަށްގެންދާކަމަށް މަޢުލޫމާތު ދެއްވިއެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަށް އެކުލަވާލި އެއްބަސްވުންތަކުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އައި.ޓީ.އީއާއެކު އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.