ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންނެވެ. އެގޮތުން، މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެކުރިން މިކަމަށް ހުށައަޅަންޖެހޭނެއެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނިމިދިޔަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން އެ ސްކޮލަރޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް އެދި އެ ވުޒާރާއަށް އެޕްލިކޭޝަން ހުށަހެޅުއްވަން އެދޭކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނުން ދިވެހި އަދި އިސްލާމު މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ-ސްޓަރ" ހޯދާފައިވުމުން ކަމަށެވެ. ހަމަ އެހެންމެ، އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމަކީ ޝަރުތެއްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މި ޝަރުތު ހަމަވާ ދަރިވަރުންނަށް އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނުން ދިވެހި އަދި އިސްލާމު މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ" ހޯދާފައިވުމުން ކަމަށް އެ ވުޒާރައިން ވިދާޅުވެއެވެ. ހަމަ އެހެންމެ، އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމަކީ ޝަރުތެއްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މި ޝަރުތު ހަމަވާ ދަރިވަރުންނަށް އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް މި ސްކޮލަރޝިޕަށް އެދި ހުށައެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، "މައިއެޑިއު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.