ޚަބަރު
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ ހަރުދަނާކުރުމަށް ސަޢުދީއާއެކު މަޝްވަރާތަކެއް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ ހަރުދަނާކުރުމަށް ސަޢުދީއާއެކު މަޝްވަރާކުރުން/ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވާ ހަރުދަނާކުރުމަށް ސަޢުދީ ޢަރަބިއްޔާއާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި މި ޤައުމުގެ ނޫ އިޤްތިޞާދު އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ނޫ އިޤްތިޞާދު ކުރިއެރުވުމަށް ސަޢުދީން ރާއްޖެއަށް ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަޢުދީން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ސަޢުދީ ސަފީރު ވަނީ، ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމެންޓް މެދުވެރިކޮށް އެ ޤައުމުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ، މި ބައްދަލުކުރެއްވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިިތުރަށް ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހިރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، މި ސަރުކާރުން އަންނަނީ މި ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.