Ads by Stelco

ޚަބަރު

ޞިއްޙީ ޚިދުމަތްތެރިޔާ ޑރ. އިބްރާހީމް މުޞްޠަފާާގެ ވަކިވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޞިއްޙީ ޚިދުމަތްތެރިޔާ ޑރ. އިބްރާހީމް މުޞްޠަފާާގެ ވަކިވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަލް މަރްޙޫމް ޑރ. އިބްރާހީމް މުޞްޠަފާާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2025، 04:44

11 ޖުލައި 2025، 04:44

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އިބްރާހީމް މުޞްޠަފާ އިންޑިޔާގެ ކޮޗިންގައި ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، "ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައްކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

 އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

57 އަހަރުގެ ޢުމުރުފުޅުގައި ވަކިވެވަޑައިގެންނެވި ޑރ. މުޞްޠަފާއަކީ ތެލެސީމިއާއަށް ފަރުވާކުރުމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އުފެދުމުގައި އެމަނިކުފާނުގެ ދައުރު ފާހަގަކޮށްލެވެއެވެ.

ޑރ. މުޞްޠަފާ ވަނީ 2011 ވަނަ އަހަރު ކެނެޑާގެ ދަ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާއިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ޙާސިލުކުރައްވާފައެވެ. އަދި ޞިއްޙީ އެކި ދާއިރާތަކުން ގިނަގުނަ ދިރާސާތައް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުޞްޠަފާ ނިޔާވެވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހު، އިންޑިޔާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS