ޚަބަރު
ސިއްޙީ ދާއިރާގެ ތަޖުރިބާކާރު އަބްދުލްކަރީމް އާދަމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް--
ސިއްޙީ ދާއިރާގެ ތަޖުރިބާކާރު އަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާގައި 47 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ކަރީމްބެ އަވަހާރަވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ގެއްލިގެން އެދިޔައީ އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. ހަމަ އެހެންމެ، އެބޭފުޅާއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) ލެހެއްޓެވުމަށްް އެދި ދުޢާ ދަންނަވާފައެވެ.
ޢަބްދުލްކަރީމް އާދަމް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. އެއަށްފަހު 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރައްވަންދެން، އެމަނިކުފާނު ޚިދުމަތް ކުރެއްވީ ޞިއްޙީ ދާއިރާގައެވެ. އެމަނިކުފާނު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.
ސިއްޙީ ދާއިރާގައި އެމަނިކުފާނު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ޓީ.ބީ.އާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލްކުރާ ފަރާތްތައް އެކަހެރިކޮށް، އެ ފަރާތްތަކަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުން ހިމެނެއެވެ.