ވިޔަފާރި / ޚަބަރު
މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑެއް ތަޢާރަފްކޮށްފި

މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑު ތަޢާރަފްކުރުން، ފޮޓޯ: ރައީސް އޮފީސް
"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތެރިކަމަށް ޚާއްޞަ ބްރޭންޑެއް ދިވެހި ސަރުކާރުން ތަޢާރަފްކޮށްފިއެވެ.
މި ބްރޭންޑު އިފްތިތާޙު ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވުނު މަސައްކަތެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި ބްރޭންޑުގެ ލޯގޯ ވެސް ވަރަށް ބޮޑަށް ދިވެހި މަސްވެރިކަމާ ވަނީ ގުޅުވާލާފައެވެ. އެގޮތުން އެ ލޯގޯއިން ރަމްޒުކޮށްދެނީ މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަމެވެ. އަދި މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ.
އަދި މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދެއެވެ
މި ބްރޭންޑި ތަޢާރަފްކުރެވިގެން މި ދިޔައީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
އަދި މިއީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.