ޚަބަރު
ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ރީނދޫ ސަމާލު ތިންވަނަ ފަހަރަށް ދަންމާލައިފި
 
                    ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: އެޑިޝަން އެމްވީ
ރާއްޖޭގެ ބޮޑު ބަޔަކަށް ނެރިފައިވާ ރީނދޫ ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ތިންވަނަ ފަހަރަށް ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު އިރުއޮއްސި 17:30 އިން ފެށިގެން މިރޭގެ 22:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ރީނދޫ ސަމާލަކީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މިއަދު ނެރުނު 3 ވަނަ ސަމާލެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
 
                 
                             
                                         
                 
                 
                                             
                                            