ޚަބަރު
ރަޝިޔާއިން އުފެދުނު ބާރުގަދަ ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ : މެޓް

މިއަދު ރަޝީޔާއިން އުފެދުނު ސުނާމީ
ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ވިދާޅުވެއްޖެއެވެ. "ފަރުދުން" މީޑިއާއާށް މަޢުލޫމާތު ދެއްވަމުން މެޓުން ވިދާޅުވީ މި ސުނާމީގެ ސީދާ ނުރައްކަލެއް ރާއްޖެއަކަށް ނެތް ކަމަށެވެ.
8.8 މެގްނިޓިއުޑްގެ ބާރު މިނުގައި ރަޝިޔާއަށް ބިންހެލުން އައީ އިއްޔެ، އެ ޤައުމުގެ ގަޑިން ހެނދުނު 8:25 ކަންހާއިރުއެވެ. މި ބިންހެލުމުގެ ސަބަބުން ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ސަރަޙައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި ރަޝިޔާގެ މި އެކަހެރި ސަރަޙައްދަށް އައި މި ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ބިންހެލުމުގެ ސަބަބުން ރަޝިޔާއަށް ވަނީ 13 ފޫޓުގެ ރާޅުއުސްމިނުގެ ސުނާމީއެއް އަރާފައެވެ. މި ސުނާމީގެ ރާޅުތައް ޖަޕާނާ ހަމައަށް ވެސް ފޯރާފައިވާއިރު، ޖަޕާނަށް އަރާފައިވާ ސުނާމީގެ ރާޅުގެ އުސްމިން 12 ފޫޓުގައި ހުރިކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
ޖަޕާނާއި އެމެރިކާއާއި ތައިވާނާއި ފިލިޕީންސްގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރު ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުތަކުގެ ރައްޔިތުންނަށް ގޮވާލާފައެވެ.
މި ބާރުގަދަ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާތީ، ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުމުގެ ބޭނުމެއް ނެތް ކަމަށް ފާހަގަކުރެވެއެވެ.