ޚަބަރު
މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރިފައިވާ ހުދު ސަމާލު ދަންމާލައިފި

ވިއްސާރަވެ ކަނޑުގަދަވެފައި/ފޮޓޯ: އަވަސް
މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރިފައިވާ ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން 3 ވަނަ ފަހަރަށް ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިރޭގެ 19:30 އިން ފެށިގެން މެންދަމު 01:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދު 01:30 އިން ހެނދުނު 07:30 އަށް، އަދި މިއަދު މެންދުރުފަހު 13:30 އިން ފެށިގެން ރޭގަނޑު 19:30 އާއި ހަމައަށް ވެސް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، މޫސުން ރަނގަޅުވަންދެން ދަތުރުތައް ފަސްކޮށްލުމަށް ސިފައިންނާއި ފުލުހުން ވެސް ވަނީ އެދިލައްވާފައެވެ.