Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބ. ފުޅަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ބ. ފުޅަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ބ. ފުޅަދޫއަށް ވަޑައިގަތުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޯގަސްޓު 2025، 08:50

12 އޯގަސްޓު 2025، 08:50

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުޅަދޫއަށް ވަޑައިގެންފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 8 ވަނަ ރަށެވެ.

ބ. ފުޅަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާއެކު، އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެކިއެކި އިދާރާތަކުގެ މުވައްޒަފުންނާއި، ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެ މަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސް ފުޅަދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ފުޅަދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ތަރައްޤީކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިމަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން