Ads by Stelco

ޚަބަރު

ކައިރިއަށް މި އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް: ރައީސް

ކައިރިއަށް މި އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޯގަސްޓު 2025، 10:18

12 އޯގަސްޓު 2025، 10:18

ރައްޔިތުންނާ ކައިރިއަށް ދިއުމުގެ ބޭނުމަކީ، ރައްޔިތުންގެ ވާހަކަތައް އަޑުއަހާ، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންތައްތައް ކުރިޔަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޅަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ.

"މި ދަތުރު އައުމުގެ ބޭނުމަކީ، ރައްޔިތުން ގާތަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތުދީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިއުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ފުޅަދޫގެ ރައްޔިތުންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށެވެ. އަދި ކުރިޔަށް އޮތީ އެ ކަންތައްތައް ޢަމަލީ ގޮތުން ތަންފީޒުކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. 

މި ޖަލްސާގައި އެ މަނިކުފާނު ވަނީ ފުޅަދޫގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތުތައް ވެސް ދެއްވާފައެވެ.

ފުޅަދޫގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކާއި އެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު:

  • ފުޅަދޫއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުން (މި މަސައްކަތް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި)
  • ސަރުކާރުގެ މުވައްސަސާތަކުގައި މަސައްކަތް ކުރުމަށް ރަށުން ބޭރުން އަންނަ މުވައްޒަފުންނަށް ޙާއްސަކޮށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކޮމޮޑޭޝަން ބްލޮކެއް ޤާއިމްކުރުން
  • ފުޅަދޫ ހެލްތު ސެންޓަރުގައި ލެބޯޓްރީއެއް ޤާއިމް ކުރުމުގެ މަސައްކަތް މި އަހަރު ފެށުން
  • ފުޅަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް މި އަހަރު ފެށުން
  • މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޅަދޫގައި ވޮލީ ކޯޓެއް ޤައިމްކުރުން
  • ކައުންސިލުން ބިމެއް ހަމަޖައްސައިދިންހާ އަވަހަކަށް ފުޅަދޫގައި ފުޓްސަލް ދަނޑެއް އުޅުމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުން
  • ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި ފުޅަދޫގެ ކައުންސިލާއި މި އަހަރު ހަވާލުކުރުން
  • މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބ އަތޮޅުގެ ރަށްރަށުގައި މަޝްރޫޢުތައް ފެއްޓެވުމާއި، ނިމިފައިވާ މަސައްކަތްތައް އިފްތިތާޙުކުރުން ހިމެނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން