ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބ. ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ބ. ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ފުޅަދޫގައި ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މި އަހަރުގެ ތެރޭގައި އެ ބޭންކުން ޤާއިމްކުރި 43 ވަނަ އޭޓީއެމްއެވެ. މިއާއެކު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއަށް ބެލުމެއް ނެތި، މި ޚިދުމަތް އިފްތިތާޙުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ފުޅަދޫގައި ޤާއިމްކުރެވިގެން މިދިޔަ އޭޓީއެމްގެ ޚިދުމަތާއެކު، އެ ރަށުގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމާއި އަދި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެކަމަށް ބޭންކުން ހާމަކުރެއެވެ.
އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްއިން ވަނީ ކަމަދޫގެ ކައުންސިލަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ. މި ފިލާ އެ ރަށު ކައުންސިލްގެ ރައީސްއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ބ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުވުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.