Ads by Stelco

ޚަބަރު

ކިހާދޫ ރައްޔިތުން އެދޭ ތަރައްޤީ ކިހާދޫއަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

ކިހާދޫ ރައްޔިތުން އެދޭ ތަރައްޤީ ކިހާދޫއަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޯގަސްޓު 2025، 05:29

13 އޯގަސްޓު 2025، 05:29

ކިހާދޫގެ ރައްޔިތުންެ އެދޭ ތަރައްޤީ އެރަށަށް ގެނެސްދެއްވާނެކަމަށާއި، މިއަހަރު ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫޢަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައިވާ އެއް މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢުގެ ދަށުން މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބާއި ސްޓާފް ރޫމް ހިމެނޭގޮތަށް ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކިހާދޫއަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެއް، ސްކޫލަށް ޚިދުމަތްކުރުމުގައިވެސް ލާމަސީލު ބައެއް ދިރިއުޅޭ ރަށެއް،" ރައީސް ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބަލާއިރު، އުތުރު ފަރާތު ހިމާޔަތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އައު މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އައު އިންޖީނުގެއާއި އޮފީސް ބަދަލުކުރުމުގެ މަޝްރޫޢު މިއަހަރު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް ބަލާއިރު، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް، އެމްބިއުލާންސް އަދި އިތުރު ވަސީލަތްތައް ހޯދައިދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު އެމްބިއުލާންސް ހޯދައި، އަންނަ އަހަރުގެ ކުރީކޮޅު ސިއްޙީ މަރުކަޒަށް އައު ޢިމާރާތާއި ވަސީލަތްތައް ހަމަކޮށްދެވޭނެއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކް ހިމެނެއެވެ.

"އަދިވެސް ތަރައްޤީއަށް ބޭނުންވާ ގިނަގުނަ ކަންކަން އެބަހުރި. އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭގޮތަށް މަސައްކަތް ބައްޓަންކޮށް، ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދޭނެކަމުގެ ޔަޤީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ބ.އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުުރުފުޅުގައި އެއަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަންވާނެއެވެ. މި ދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ރަށްތަކުގެ ތެރޭގައި ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮސް ހިމެނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން