ޚަބަރު
ދޮޮންފަނުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ މުޢިއްޒު ދޮންފަނުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ބ ދޮންފަނުގައި ތަރައްްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދޮންފަނުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމުން ކަމަށްވާތީ، އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދޮންފަނުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކަކީ ރައްޔިތުންނަށް އުންމީދުތަކެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ވަޢުދުތައް ފުރިހަމައަށް ފުއްދުމަށް ކަމަށާއި، ގިނަ ކަންކަން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ދޮންފަނުގެ ތަރައްޤީގެ ބައެއް މަސައްކަތަކުގައި ސޮއިކުރެވިފައިވެއެވެ. އެގޮޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ބަނދަރު ނެރު ބަދަލުކުރުމާއި، މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ހިމެނޭ ކަމަށާއި، މި މަސައްކަތްތައް މިއަހަރު ޢަމަލީގޮތުން ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުކުރެވި، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދޮންފަނު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބް އަދި ލައިބްރަރީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެންސާއި ލައިޓުގެ މަސައްކަތާއެކު ފުރިހަމަކުރެވޭނެ ކަމަށާއި، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކުޅެވޭނެ ވަސީލަތްތައްވެސް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއްގެ މަސައްކަތް މިއަހަރު ފެށި، އަންނަ އަހަރު ވޮލީ ކޯޓެއް ތަރައްޤީކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ހުރިހާ ވަސީލަތްތަކެއް ފުރިހަމަ އިމާރާތެއްގެ މަސައްކަތްވެސް މިއަހަރު ފެށި، ސިއްޙީ ޚިދުމަތުގައި ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.