ޚަބަރު
ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ- ފަރުދުން

ފަރުދުން
14 އޯގަސްޓު 2025، 02:39
14 އޯގަސްޓު 2025، 02:39
މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ވަޑައިގަންނަވައިިިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަނީ ޒިޔާރާތް ކުރައްވާފައެވެ. ރައީސް ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޒިޔާރާތް ކުރެއްވި ރަށްތަކަކީ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ. މިދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާ، މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތަޢާރަފުކުރައްވާފައިވެއެެވެ. އަދި އެ އަތޮޅު މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ރަސްމީގޮތުން ވަނީ ފައްޓަވާފައެވެ.
މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކުރައްވާފައިވެއެވެ. އަދި ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.