ޚަބަރު
ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް
ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މިމަހުގެ 11 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ޤާނޫނަށް އިސްލާޙް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސެވުން ކަމަށެވެ. ހަމަ އެހެންމެ، މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވާނެކަމަށް އެއޮފީހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައް ކަނޑައެޅުން ވެސް މި ބިލުގައި ހިމަނައިފައިވެއެވެ. ހަމަ މިއާއެކު، ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބު ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.