Ads by Exprox

ޚަބަރު /

ރިޕޯޓް

އެމްޑީޕީ ސަރުކާރުގެ ދަރަނިން ހުރަސް އެޅުނު ތަރައްގީ

އެމްޑީޕީ ސަރުކާރުގެ ދަރަނިން ހުރަސް އެޅުނު ތަރައްގީ

އެމްޑީޕީ ސަރުކާރުގެ ދަރަނި

farudhun logo

ފަރުދުން

24 އޮކްޓޯބަރު 2024، 06:06

24 އޮކްޓޯބަރު 2024، 06:06

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވީ ބަރާބަރަށް ހިނގަހިނގާ އޮތް އުފެއްދުންތެރި ވަރުގަދަ އިގްތިޞާދެއް އޮތް ގައުމެއް ހިންގުމާއެއް ނޫނެވެ. އެމްޑީޕީން ހިންގި ދޯހަޅި އިގްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން އެތެރެއާއި ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ ބަނގުރޫޓްވުމާ ހަމައިގައި އޮތް އިގްތިޞާދީ ދަތި ގައުމަކާއެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭން ޖެހޭ އެތައް ބިލިއަން ރުފިޔާގެ ބިލްތައް ހުއްޓެވެ. ސިޔާސީ ބޭނުމަށް ރިޔާސީ އިންތިހާބަށް މަހުގެ އަގު ބޮޑުކުރުމުގެ ސަބަބުން މަސްވެރިންނަށް ދައުލަތުން ދޭން ޖެހޭ ބިލިއަން ރުފިޔާގެ ފައިސާ ދީ ޚަލާސްކުރަން ޖެހުނީ މި ސަރުކާރަށެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދައި ނަގަން ފެށި ބޭރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުން ދައުލަތް އޮތީ އިނދަޖެހޭ ހިސާބުގައެވެ. ތަރައްގީގެ މަޝްރޫއުތަކަށް ހޭދަ ކުރަން ހުރި ފައިސާގެ ބޮޑު ބައި ދިޔައީ އެތެރެއާއި ބޭރުގެ ދަރަނި އަދާކުރުމަށެވެ. ކުރީ ސަރުކާރު ކިޔަން ޖެހެނީ މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ. މިއަދު ދައުލަތަށް ބުރަ އުނދަގޫ ހާލަތު ގެނައީ އެ ދުވަހެވެ. އެމްޑީޕީ ސަރުކާރުގެ ދޯދިޔާ ހިންގުމާއި އިގްތިޞާދީ ދޯހަޅި ސިޔާސަތެވެ. 

 އަޑަށް ބާރުލާފައި އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓަށް ވީ ގޮތެވެ. ތިމަންނާގެ ދާއިރާއަށް ކޮށްދިނީ ކޮންކަމެއްތޯ އެބަ އަހައެވެ. ކަމެއް ނުވެ އޮތިއްޔާ ނުވެ އޮތީ އެމްޑީޕީ ސަރުކާރުގެ އިހުމާލުންނެވެ. އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ދަތިކޮށް ފާސްކުރި ބަޖެޓްގެ ސަބަބުންނެވެ. ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމެއް ނެތެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓް ކަނޑައެޅީ، ހަރަދުތައް ކަނޑައެޅީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުންނެވެ. އައު ސަރުކާރުގެ ހިންގުމަށް އެންމެ ދަތިވާނެ ހުރިހާ ގޮތްތަކަށެވެ. ހުރިހާ ދައްޗަކާއި ސަރުކާރު  ވައްޓާލުމަށް އެމްޑީޕީން ކުރަމުން ދިޔަ މަސައްކަތްތަކަށް ޗެލެންޖްކޮށް ރައްޔިތުންނަށް ހިދުމަތްތައް ފަހިކޮށް މަޝްރޫއުތައް ހިންގަމުން އެތެރެއާއި ބޭރުގެ ދަރަނި އަދާކުރަމުން ބައިނަލް އަގްވާމީ މާލީ އިދާރާތަކުގެ އިތުބާރާއި ތަރުހީބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިޔައީ ހޯދަމުންނެވެ. ހަކަތަ ހުރި ވަރުގަދަ އިގްތިޞާދެއް ބިނާކުރުމަށް މާލީ އަދި އިގްތިޞާދީ ބޮޑެތި އިސްލާހުތަކެއް ސަރުކާރުން ދަނީ ގެންނަމުންނެވެ. 

 ޖޫން މަހުގެ ނިޔަލަށް ކުރެވުނު އެކި މަސައްކަތްތަކުން ޖުމްލަ ގޮތެއްގައި 18.6 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދިއްޖެ. 18.6 ބިލިއަން ރުފިޔާ ހޯދިއްޖެ. އޭގެތެރެއިން ބޮޑު އަދަދެއް ދައުލަތް ހިންގުމަށްޓަކައި ރިކަރެންޓް ޚަރަދުގެ ގޮތުގައި މިވަނީ ޚަރަދު ކުރެވިފައި. އެހެން ނަމަވެސް، ހޯދުނު އެއްޗަކުން އެކަން ކުރީ. ފައިސާ ޗާޕްނުކޮށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިވަން ދުވަހުގެ ޖަލްސާ.

ރައީސް ޞާލިހްގެ އެމްޑިޕީ ސަރުކާރުގެ ދައުރުގެ ތެރޭ ދިވެހި ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 40 އަހަރާ ނުބައްދަލު މިންވަރަށް ބޮޑުވެފައެވެ. އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތަކެއް ބިނާކުރެވިފައި ނުވެއެވެ. ދައުލަތަށް ވަންނަހައި ފައިސާއެއް ދައްކަން ޖެހެނީ ބޭރަށެވެ. ބޭރުގެ ދަރަންޏަށެވެ. ރައްޔިތުންގެ މަޖިލީހުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި އެމްޑީޕީގެ ވެރިންނާއި މެންބަރުން އެވެނި ރަށަކަށް މިވެނި ދާއިރާއަކަށް ބަޖެޓުން ކޮށްދިނީ ކީއްތޯ އަހާ އިރު ސުވާލުކޮށްލަން ރަނގަޅެވެ. ކޮންމެ ރަށެއްގެ އާބާދީ އާއި އުފަންވާ ކުދިންގެ ބޮލުގައި އެޅިފައިވަނީ އެމްޑީޕީ ސަރުކާރުގެ އެތައް ބިލިއަން ރުފިޔާގެ ދަރަންޏެވެ. ރަށުގައި އިމާރާތްކުރަމުންދާ އިންޖީނުގެއާއި ބަނދަރާއި ފެނާ ނަރުދަމާއާއި އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތަކީ ދައުލަތުގައި ނެތް ފައިސާއަކުން ފަށާފައިވާ މަޝްރޫއުތަކެވެ. އެތައް ޖީލެއްގެ ދަރަންޏެވެ. ނުވަތަ ޗާޕުކުރި ފައިސާއެވެ. އެ ފައިސާ ޗާޕުކުރުމުން ހީނަރުވީ ބޭރު ފައިސާގެ ހާލަތެވެ. އިތުރުވީ ގައުމުގެ އިންފްލޭޝަނެވެ. މިއަދުގެ އިގްތިޞާދީ ހާލަތު ގެނައީ އެ ދުވަހުގެ ދޯހަޅި ސިޔާތެވެ. 


އޭގެ ކުރީ ސަރުކާރުން އެކި ނަން ނަމުގައި ބަދަލުގެ ގޮތުގައި، 2.4 ބިލިއަން ރުފިޔާ ދިން ގޮތަކަށް އަޅުގަނޑުމެންނެއް، މި ސަރުކާރުން އަލަށް، މި ސަރުކާރު އައިފަހުން މިއަދާ ހަމަޔަށް މިވީ 8 މަސްތެރޭގައި، އެންމެ ރުފިޔާއެއްވެސް ބަދަލުގެ ގޮތުގައެއް ނުދެން. އެއީ، ސިޔާސީ ބޭނުމުގައި ކުރި މަސައްކަތެއް އޭރުގައި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިވަން ދުވަހުގެ ޖަލްސާ

މިއީ އެމްޑީޕީ ސަރުކާރުން ދައުލަތުގެ ފައިސާ ހޭދަކުރަމުން ދިޔަ ގޮތެވެ. ދައުލަތުގެ އާމްދަނީ އާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކެއް ނުހޯދައި ބޭރުގެ ދަރަނި ދިޔައީ އިންތިހާއަށް ބޮޑުކުރަމުންނެވެ. ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިންތިހާއަށް ފައިސާ ޗާޕުކުރަމުން ދިޔައެވެ. ނެތް ފައިސާއަކުން ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުގެ ހިންގުން ހަމަ ޖައްސަމުން ދިޔައެވެ. މިއަދު ދުނިޔެއަށް އިގްތިޞާދީ ބޮޑު ދަތިކަމެއް ނެތް ކަމަށް އަދި މި ސަރުކާރަށް "މެނޭޖް" ނުކުރެވިގެން އުޅޭ ކަމަށް އެމްޑީޕީން ބުނާ އިރު މިއަދު ގައުމު އުފުލަން ޖެހިފައި ވަނީ އެމްޑިޕީ ސަރުކާރުގެ ދައުރުގައި ނެގި ބޮޑެތި ލޯނުތަކުގެ ދައްޗާއި ބުރައެވެ.

ދަތީގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ހަރަދުތައް މެނޭޖްކުރަމުން މާލީ އިގްތިޞާދީ އިސްލާހީ ބަދަލުތައް ގެންނަމުން، މާލީ އިދާރާތަކުގެ ތަރުހީބު ބޮޑުކޮށް، އިންވެސްޓަރުންގެ އިތުބާރު ހޯއްދަވަމުންނެވެ. އަދި އެތެރޭގެ ދަރަނިތައް އަދާކޮށް ބޭރުގެ ދަރަނިތައް ދައްކަމުން، ދަރަނި އަދާކުރެވޭނެ ގޮތްތައް ފަހިކުރުމަށް ސޮވެރީން ޑިވްލޮޕްމަންޓް ފަންޑް ފުޅާކުރަމުންނެވެ. އިގްތިޞާދު ވަރުގަދަކޮށް އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކޮށް ސިންދަފާތު ވަރަގަދަ އިގްތިޞާދެއް ބިނާކުރަމުންނެވެ. އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ ހޭދަކުރުން ހުއްޓައި، އިސްރާފު ކުޑަކޮށް ބޭނުންތެރި ކަންކަމަށް ދައުލަތުގެ ފައިސާއިން ހަރަދުކުރަމުންނެވެ.

އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި، އިޤުތިޞާދު އޮތް ޙާލަތަކީ، އަޅުގަނޑުމެންގެ މި ދެންނެވި އިޤްތިޞާދީ ސިޔާދަތު ޔަޤީންވާ ހިސާބުގައި އޮތް ޙާލަތެއް ނޫން. ޔަޤީންވާ ހިސާބަކު ނޫން އޮތީކީ. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު. ވަރަށް ގިނައިން އެ ވާހަކަ ވާނީ ދެއްކިފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި، ފައިސާ ޗާޕްނުކޮށް ތަންފީޒު ކުރަމުންމިދާ ކުރުމުގެ ތެރެއިން މިއަދުގެ ޙާލަތު، މިއަދު 26 ޖުލައި، މި ދެންނެވި ދެ މިލިއަން ޑޮލަރު ހުރި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިއަން ޑޮލަރު. މިއީ، އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާ،އަޅުގަނޑުމެން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި، ބޭރުގެ ދަރަންޏާއި، ދަރަނީގެ އިންޓްރެސްޓް ދެއްކުމަށްޓަކައި ލިބުނު ފައިސާއިން، ފައިސާ ޗާޕްކުރުމަކާ ނުލައި، 3.8 ބިލިއަން ރުފިޔާ ދައްކައިފިން. އެއްވެސް ލޯނެއް ޑިފޯލްޓެއްނުވެ 3.8 މިލިއަން ރުފިޔާ ދައްކައިފިން. 8 ބިލިއަން ރުފިޔާ ދައްކައިފިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިވަން ދުވަހުގެ ޖަލްސާ

ސަރުކާރުގެ ފަރާތުން މިހާރު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. މި ބަޖެޓަކީ އެމްޑިޕީގެ މެޖޯރިޖީ މަޖްލީހުން އާ ސަރުކާރަށް ދަތިކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އެތައް ދައްޗަކަށް ލުއިކަން ގެނެސްދޭނެ ބަޖެޓެކެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ ބޭނުމަކީ ޤާނޫނީ އިމަށް މާލީ ކަންކަން ރުޖޫއަކުރުމެވެ. ފާއިތުވި ދެ އަހަރު ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ބަޖެޓް ހުސްވީމައެވެ. އެހެން ނަމަވެސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައި ވަނީ ހުސްވުމުގެ ކުރިންނެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަޖެޓުން ޚަރަދުވީ 38 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 76 އިންސައްތައެވެ. ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓްގައި މައިގަނޑުކޮށް ހިމެނެނީ އަންނަނިވި ދާއިރާތަކުގެ ޚަރަދުތަކެވެ.

  • ސަބްސިޑީ: 1.02 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 2.0 ބިލިއަން ރުފިޔާ
  • ކުއްލި ހާލަތްތަކަށް: 650 މިލިއަން ރުފިޔާ
  • ދަރިވަރުންގެ ލޯނުތަކަށް: 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިއުމަބަލްސްއަށް: 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީތެރިކަން: 262 މިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް: 24.4 މިލިއަން ރުފިޔާ

ޚަރަދުތަކުގެ އިތުރަށް މި އަހަރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް އާމްދަނީވެސް ލިބޭނެ ކަމުގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މި އަހަރު ލިބޭނެކަމަށް އަންދާޒާކުރާ 34 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 27 ބިލިއަން ރުފިޔާ ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް ބޮޑުކުރުމުން އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ހުށަހަޅި ސަޕްލިމެންޓަރީ ބަޖެޓާ އެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމާއި މަޝްރޫއުތައް ހިންގުމުގައި ފަހިކަން އަންނާނެއެވެ. އެމްޑީޕީން ދަތިތައް ކުރިމަތިކުރިޔަސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހި ރާއްޖޭގެ އިގްތިޞާދު ވަރުގަދަކޮށް އުފެއްދުންތެރި ގައުމެއް ބިނާކުރުމުގެ ވިޝަނަރީ މަސައްކަތްޕުޅުކުރައްވަމުންނެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco