Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އއ. މާޅޮހަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އއ. މާޅޮހަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އއ. މާޅޮހަށް ވަޑައިގަތުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޯގަސްޓު 2025، 12:40

19 އޯގަސްޓު 2025، 12:40

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅު މާޅޮހަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް ވަޑައިގެންނެވުމާއެކު، އެރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވެމަށްފަހު، ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން، މާޅޮހުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާ، އެ ރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނާވާނައެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި މަހުގެ 11 އިން 14 އަށް ބ. އަތޮޅުގެ 13 ރަށަކަށާއި، މިދިޔަ މަހުގެ ފަހުކޮޅު ނ. އަތޮޅުގެ ރަށްތަކަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.

‎ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން