ޚަބަރު
ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަނީ

ރައީސުލްޖުމްހޫރިއްޔާ މަތިވެރި ރައްޔިތުންނާ ބައްސަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޙާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަތިވެރިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ކޮށްދިނުމަށް ސަރުކާރުން ހުރަސް ނާޅާނެކަމަށާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ގެންނެވި އިޞްލާޙުތަކެއް ކަމުގައެވެ. އަދި މި މަޤުސަދު ހާސިލްކުރުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެ ޤާނޫނަށް އިޞްލާޙުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންނަށް އެއްވެސް ފަށަލައެއް ނެތި ބާރުތައް ދިނުމަށް އަތޮޅު ކައުންސިލްތައް އުވާލަން ނިންމަވާފައިވާ ކަމަށް ވިދާޅުވަމުން، އަތޮޅު ކައުންސިލްތަކަކީ ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައި ސިފަކުރެއްވެވިއެވެ.
އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. މިކަމަށް ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ހެކިވާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ހާސިލްކުރުމަށް ޤާނޫނު އަސާސީ އިޞްލާޙު ކުރައްވާނެ ކަމަށާއި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ގޮސް، އަތޮޅު ކައުންސިލް ހޮވަން ވޯޓުދޭން ނުޖެހޭނެކަމަށެވެ.
އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވާނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ސީދާ ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި ސީދާސީދަލަށް. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ.
. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަވާނެ އިތުރު ބަދަލުތަކެއް ވެސް ޙިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އާބާދީއަށް ބަލައި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަން ފާހަގަކުރެއްވެވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އިތުރު އިސްލާޙުތައް:
- ދެހާހަށް ވުރެ މަދު އާބާދީތަކަށް 3 ކައުންސިލަރުން، އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 ކައުންސިލަރުން
- ދެހާހަށް ވުރެ މަދު އާބާދީތަކުގައި ދެން ތިބޭނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 3 މެންބަރުން، އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި 5 މެންބަރުން
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ވަނީ ރަށުގެ ރައްޔިތުންގެ ވޯޓަކުން ހޮވާ، އަދި ފުލް ޓައިމް ވަޒީފާއެއް އަދާކުރާ ފަރާތަކަށް
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެންނެވީ އިއްޔެގެ ހަތަރުވަނަ އަދި ފަހު ރަށުގެ ގޮތުގައެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަންނަވާނެއެވެ.