ޚަބަރު
ދެ އިންތިޙާބު އެއްކޮށްލާ ބިލު އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެެއްވުން، ފޮޓޯ: ރައީސް އޮފީސް
ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު އެއްކޮށްލުމުގެ ބިލު މިއަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. މަތިވެރިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ އިންތިޙާބު އެއްކޮށްލުމުގެ ވާހަކައަކީ މީގެ ކުރިން ވެސް ދެކެވިފައިވާނެ ވާހަކައެއް ކަމަށާއި، އެ އިޞްލާޙު ފާސްކުރުމަށްފަހު އެ ކަމުގައި ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ވެސް ނެގުން އޮންނާނެކަމަށެވެ.
އެހެންކަމުން، ރައްޔިތުންނަށް ފެންނަ ކަމުގައިވާނަމަ، އެ ދެ އިންތިޙާބު ދެން އޮންނާނީ އެކުގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ބަދަލުތަކުގެ ބޭނުމަކީ ރާއްޖޭގެ ބަރުހެލި ނިޒާމަށް ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް ގެނެވޭ ބަދަލުތަކެއް ކަމުގައި ވެސް ފާހަގަކުރެއްވެވިއެވެ.
އޭރުން ރައްޔިތުންނަށް ވާނީ ފަސޭހަ. ރައްޔިތުންނަށް ލިބޭނީ ކުރިއެރުން. އޭގެ ބަދަލުގައި މިހާރު މިއޮންނަ ގޮތަށް، މާ ޚަރަދު ބޮޑު ގޮތަކަށް، އެއްވެސް މާނައެއް ނެތް ގޮތަށް މި ނިޒާމު ބޭއްވުމުގެ ބޭނުމެއް ނެތް. ރައްޔިތުންނަށް ފައިދާހުރި އިޞްލާޙުތަކެއް ގެނައުން އެއަށްވުރެ މާ ރަނގަޅު.
ދެ އިންތިޙާބު އެއްކޮށްލުމުގެ މަޢުޟޫއަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމަވާފައިވާކަން ވެސް ތަކުރާރު ކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އެކަން ކުރައްވާނެ ކަމަށާއި، ދެން އަތޮޅު ކައުންސިލް ހޮވަން ވޯޓު ދޭން ނުޖެހޭނެކަމަށެވެ.