ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ މި ދަތުރުފުޅުގެ މަޤްސަދަކީ ރައްޔިތުންނާ ބައްދަލުކޮށް، ރަށްރަށުގެ ތަރައްޤީގެ ބޭނުންތަކާއި، ކުރިމަގަށް ރާއްޖެއަށް ބޭނުންވާ މަޝްރޫއުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި މަޝްވަރާކުރެއްވުމެވެ.
މަތިވެރީގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އިރާދުކުރެއްވިއްޔާ އެ މަޝްރޫއު ދާދި އަވަހަށް އަޅުގަނޑުމެން ކުންފުންޏަކާއި ހަވާލުކޮށް ކުރިޔަށް އޮތް އެންމެ ގިނަވެގެންވެސް ދެ މަސްތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ
ރައީސުލްޖުމްހޫރިއްޔާ
މީގެ އިތުރުން ރައީސް ވިދާޅުވީ، މަތިވެރީގައި ކުޅިވަރުގެ ދާއިރާއިން އައުޓްޑޯ ޖިމްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތިކޮށް، ޒުވާނުންނަށް ކުޅިވަރަށް ހިތްވަރުދީ، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާނެ މަސައްކަތްތަކެކެވެ.