Ads by Stelco

ޚަބަރު

ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކުރައްވައިފި

ތޮއްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2025، 01:17

20 އޯގަސްޓު 2025، 01:17

އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. 

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ ޑިސެންބަރުމަހު އެރަށައް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އެ ވައުދު ފުއްދަވައި، 8 މަސްދުވަސް ފަހުން މިހާރު މިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޚިދުމަތް ފަށްޓަވައިދެއްވީ އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެންނެވެ. އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ގޮތުން، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
މިދަތުރުގައި ބީއެމްއެލްގެ ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައެވެ. މި ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމެވީ، ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިޒަމަށް އިސްކަންދޭ ރަށަކަށްވާތީއެވެ. ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެތީ، ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރަށު ފަތުރުވެރިކަން ފުޅާވެފައިވާ ތޮއްޑޫގައި 50 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. އަދި މިއީ ފަތުރުވެރިންނާއި ދިވެހިންވެސް ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ. ތޮއްޑޫގައި ބީއެމްއެލްއިން ހުޅުވި ޑޮލަރު އޭޓީއެމްއަކީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވި 4 ވަނަ ރަށެވެ. ތޮއްޑޫގެ އިތުރުން މިހާރު އަތޮޅުތެރޭގެ ރަށްތަކުގައި ޑޮލަރު އޭޓީއެމް ހުންނަނީ މާފުށި، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން