ޚަބަރު
ރަސްދޫގެ ޓޫރިޒަމާއި ރައްޔިތުންނަށް ނަފާވާނެ ގޮތަށް މަޑިވަރު ފިނޮޅު ތަރައްޤީކޮށްދޭނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްދޫގައި ފޮޓޯ:ފަރުދުން
ރަސްދޫ ރައްޔިތުންނާއި ޓޫރިޒަމަށް ނަފާވާނެގޮތަށް މަޑިވަރު ފިނޮޅު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ރަސްދޫގައި އަލަށް ފައްޓަވާފައިވާ މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްކަމަށާއި، ބާރު ދުވެލީގައި ކުރިއަށްގެންގޮސް އޭގެ ނަފާ ރައްޔިތުންނަށް ހޯދައިދެއްވާނެކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ރަސްދޫގެ ތަރައްޤީއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް އެކި ކުންފުނިތަކާ ހަވާލުކުރައްވާފައެވެ. އެގޮތުން ރަސްދޫ މަގު ހެދުމާއި، ސްކޫލަށް ޖާގަ އިތުރުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުން ހިމެނެއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިހާރު ހިނގަމުންދާ ބަނދަރު މަޝްރޫޢުއަކީ ރަށަށް މުހިންމު މަޝްރޫޢުއެއްކަން ފާހަގަކުރައްވާ، އެ މަސައްކަތް މިހާރު އަމަލީގޮތުން ފެށިފައިވާކަމަށް ވިދާޅުވިއެވެ. އަދި ރަސްދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް އެންމެ ރަނގަޅު ޙައްލު ހޯދައިދޭނެކަމަށާއި، މަގު ހެދުމުގެ މަޝްރޫޢުވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލަށް ކޮމްޕިއުޓާރ ލެބާއި ސައިންސްލެބާއި، މަލްޓިޕާޕަސް ހޯލާއި އިތުރު ވަސީލަތްތައް ޤާއިމްވެގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަޑިވަރު ފިނޮޅު ތަރައްޤީކުރުމާ ބެހޭގޮތުން ރައީސް ވިދާޅުވީ،
އޭގެ އިތުރުން ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާގޮތަށް ހަދައިދިނުމަކީ އަޅުގަނގެ ވަޢުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްޤިކޮށްދީ، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން
ރައީސް
ކުޅިވަރުގެ ދާއިރާވެސް ހިމެނޭހެން ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިސްކިތެއް ބިނާކުރުމަށް ބިން ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. މިސްކިތް އެޅުމުގެ މަސައްކަތް ނުފެށި އޮތީ ރަށު ކައުންސިލުން މިސްކިތް އެޅުމަށް ބޮޑު އަގުގައި ބިން ދިނުމަށް ކަނޑައެޅުމުގެ ސަބަބުންކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް ރަށަކުން މިސްކިތް އެޅުމަށް އަގު ކަނޑައަޅާފައި ނުވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބިން ހަމަޖެހުނުހާ އަވަހަށް ޒަމާނީ މިސްކިތެއް ބިނާކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ކައުންސިލަށް އާމްދަނީ އިތުރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ ބޭނުމަށް ކުރިން ނަގާފައިވާ ބިމުން 10،000 އަކަފޫޓު ވަކިކޮށް ކައުންސިލާ ހަވާލުކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެބިން ޓޫރިޒަމް ބޭނުމަށާއި، އެނޫންވެސް ބޭނުންތަކަށް ކައުންސިލަށް ބޭނުންކުރެވޭނެކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ކައުންސިލްތައް ބާރުވެރިކޮށް އާމްދަނީ އިތުރުކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މިއީ އެމަނިކުފާނު ރަސްދޫއަށް ކުރެއްވި ދެވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، ތިންވަނަ ދަތުރުފުޅަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އެރަށަށް ކުރައްވާ ދަތުރުފުޅަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.