ޚަބަރު
ކައުންސިލުން އެދޭ، ޤާނޫނު ހުއްދަކުރާ ކޮންމެ ކަމަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

ފަރުދުން
21 އޯގަސްޓު 2025، 11:11
21 އޯގަސްޓު 2025، 11:11
ކައުންސިލުން އެދޭ، ޤާނޫނު ހުއްދަކުރާ ކޮންމެ ކަމަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށްހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއިރު، އުކުޅަސްވެސް ހިމެނޭހެން، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައި ކަމުގައެވެ. ހަމައެއާއެކު އުކުޅަހު ކައުންސިލުން ހުށަހަޅާ، ޤާނޫނު ހުއްދަކުރާ ކޮންމެ ކަމެއްގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އުކުޅަހަށް ދީފައިވާ ގަލިގިލި ފަޅުގައި އެ ރަށު ކައުންސިލުން ހުށައަޅާ އަދި ޤާނޫނުން ހުއްދަ ކުރާ ކޮންމެ ކަމެއް ކުރުމަށް ހުއްދަ ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އުކުޅަހަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާޙް ގެންނަވާފައި ކަމަށާ، އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން، އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ. މި މަޝްރޫޢުތަކަކީ ރަށަށް ނުހަނު ބޭނުންތެރި މަޝްރޫޢުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.