ޚަބަރު
ދ. އަތޮޅު "ވައްލަ" އަކީ ކުޑަހުވަދޫ ބައެއްގެ ގޮތުގައި ހަމަޖައްސައިފި

ދ. އަތޮޅު "ވައްލަ"---

ފަރުދުން
22 އޯގަސްޓު 2025، 10:16
22 އޯގަސްޓު 2025، 10:16
ދ. އަތޮޅު ''ވައްލަ'' އަކީ އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134ވަނަ މާއްދާގެ (ހ)އިން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި "ވައްލަ" ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 މާރިޗް 5ވަނަ ދުވަހު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ދ. ކުޑަހުވަދޫގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް އެ މަނިކުފާނު ނިންމެވި ނިންމެވުމެއްކަމަށް ވެސް އެ ދުވަހު ވިދާޅުވިއެވެ.
ރަށްރަށުގެ އިޤުތިޞާދަށާއި ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މިގޮތަށް ބައެއް ރަށްރަށުގެ އިޙުތިޞާސްގައި ފަޅުތަކާއި ރަށްތައް ހިމަނަމުންނެވެ. އަދި އެ މަނިކުފާނު އެންމެ ފަހުން އއ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި ވިދާޅުވީ، ކޮންމެ އަތޮޅަކުން ޕިކްނިކް އައިލެންޑެއް ސަރުކާރުން ތަރައްޤީ ކުރަން ނިންމާފައިވާކަމަށެވެ. އެއީ އަތޮޅުތަކުގެ ރައްޔިތުން ދަތުރު ދިއުމަށާއި، ފަތުރުވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގުމަށްކަމަށެވެ.