Ads by Stelco

ޚަބަރު

ފިކުރީ މުދާ ހިމާޔަތްކުރުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ފިކުރީ މުދާ ހިމާޔަތްކުރުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ފިކުރީ މުދާ ހިމާޔަތްކުރުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

22 އޯގަސްޓު 2025، 10:29

22 އޯގަސްޓު 2025، 10:29

ފިކުރީ މުދާ ހިމާޔަތްކުރުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

ފިކުރީ މުދާ ހިމާޔަތްކުރުމާ ގުޅޭ ބިލު ނުވަތަ އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އަދި މި ބިލު ތަސްދީޤުކުރުމާ ގުޅިގެން ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީހެއް އުފައްދަން ޖެހޭނެއެވެ. 

އެގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް"ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދޭނެއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓާނީ، އިޤުތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤުތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެ ނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ.

މި ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކޮށް، ވަކިކުރާނެ ގޮތާއި ރަޖިސްޓްރާރގެ ޝަރުޠުތަކާއި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ފިކުރީ މުދަލުގެ ދަފުތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާ ގުޅިގެން ޢަމަލުކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން