Ads by Stelco

ޚަބަރު

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

އުތީމު ގަނޑުވަރު. ފޮޓޯ: ކޯރޕަރޭޓް މޯލްޑިވްސް

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 12:37

23 އޯގަސްޓު 2025، 12:37

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވަނީ ވެފައެވެ.

މި ޚާއްޞަ ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10:00 ގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް، ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙަވާލުކުރުން ވެސް އޮންނާނެއެވެ. ރައީސް އޮފީހުގެ ބަޔާނުގައު ވާ ގޮތުން، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ފަރާތަކަށް ލިބިވަޑައިގަންނަވާ އިރު، އޭގެތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެބޭފުޅެއްގެ ހަނދާނަށެވެ. އަދި މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ފަރާތަކަށް ކަމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވޭމެއެވެ.

ޤައުމީ އިނާމުގެ ޙައްޤުވެރީން އިޚުތިޔާރުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

އިހުޒަމާނުއްސުރެ އުތީމުގައި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އާދެއެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކޮށްފައިވަނީ 1 ރަބީޢުލްއައްވަލް 1371 ގައެވެ. އެއީ މީލާދީން 1951 ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ.

އުތީމުގައި ދެވަނަ ފަހަރަށް، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރުއެވެ. އެއީ މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރި އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން