ޚަބަރު
އުތީމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް!

ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންވުމާއެކު، ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެރަށަށް ވަޑައިގަތުމާއެކު، އުތީމުގެ ބަނދަރުމަތިން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު މަރުޙަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި، ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ، އެ މަނިކުފާނު ވަނީ އަޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިއަދުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އަރުވާނެއެވެ. އަދި ދިވެހި ދަޢުލަތުގެ ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް މި ޖަލްސާގައި ކުރިއަށްގެންދަވާނެއެވެ.
މި އަހަރާއި އަންނަ އަހަރު، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ ހަކަރާތްތައް އުތީމުގައި ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
އުތީމަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.