ޚަބަރު
އުތީމު އިސްރަށްވެހީންގެ މައިޒާން، "އޮނުހިޔާ" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

"އޮނުހިޔާ" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުން/ފޮޓޯ: ރައީސް އޮފީސް
އުތީމު އިސްރަށްވެހީންގެ މައިޒާން، "އޮނުހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އޮނުހިޔާ މައިޒާން ހުޅުއްވައިދެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދަވާ، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި ބިންގާ އަޅުއްވައިދެއްވީ ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
ބޮޑުތަކުރުފާނު ދޮރޯށި ފަރުމާކޮށްފައިވަނީ، ކަޅުއޮތްފުންމީގެ 6 ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަޤާފަތާއި މިނިވަންކަން ރަމްޒްކޮށްދޭގޮތަށެވެ. އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ، ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ. އަދި ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.